hadith mvޙަދީޘްއެމްވީ – ސުންނަތުގެ ތަރުޖަމާ މަންސަ

ނޯޓު: މިއީ އެންމެ ގިނަ ގުރްއާނުގެ ދިވެހި ތަރުޖަމާއާއި ތަފްސީރު އެއް މަންސައަކުން ލިބެން ހުރި ތަނެވެ.
⚠️ މިތާ އަދި އިތުރު ތަރުޖަމާތަކެއް ހުރުމުގެ މާނައަކީ، އޭގައިވާ ހުރިހާ އެއްޗެއް ރަނގަޅު ވާހަކައެއް ނޫނެވެ. އެ ތަރުޖަމާތަކުގައި މައްސަލަ އުޅެއެވެ. ހާޖަތަށްޓަކައި އެ އިން ގޮތަށް ގެނެސްފައި ވިޔަސް، އޭގައިވާ ކުށްތަކަކަށް އަހަރުމެން އިގުރާރެއް ނުވަމެވެ.

ﷲ ވަހީ ކުރެއްވިއެވެ: ’ހަމަކަށަވަރުން މި ގުރްއާން އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ސާލިހު އަމަލުތައް ކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ.‘ [الإسراء 9]

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިމަން ނަބިއްޔާގެ އުއްމަތުގެ ތެރެއިން، އެބައިމީހުން ކިރު ބޯ ފަދައިން، ގުރްއާން ބޯލާނެ ބަޔަކު ނުކުމެގެން އަންނާނެއެވެ.“ [المعجم الكبير 821]

ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ: ގުރްއާނުގައި (ޖެއްސެވޭ) މިސާލުތައް ތިމަންނައަށް އަޑުއިވޭ ހިނދު، ތިމަންނައަށް އެ ފަހުމް ނުވާނަމަ، ތިމަންނަގެ އަމިއްލަ ނަފްސުގެ މައްޗަށް ރޮމެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ: ’އަދި އެ މިސާލުތައް ތިމަން އިލާހު މީސްތަކުންނަށް ޖައްސަވަމެވެ. އަދި (އިލްމު) ދަންނަ މީހުންނަށް މެނުވީ އެ މިސާލުތަކެއް ނުވިސްނެއެވެ.‘ [تفسير ابن كثير 1/208]

ނޯޓު: މިއީ އެންމެ ގިނަ ޙަދީޘްގެ ދިވެހި ތަރުޖަމާ އެއް މަންސައަކުން ލިބެން ހުރި ތަނެވެ. މިހާރު މި ތަރުޖަމާ ކުރަމުން ގެންދާ ޙަދީޘް ފޮތް ނިމުނީމާ، ދެން ތަރުޖަމާ ކުރާނީ ބުޚާރީއާއި މުސްލިމް، އިން ޝާއަ ﷲ. ބާކީ އުޅެނީ ފަސް ސަތޭކައެއްހައި ޙަދީޘް، އެހެންކަމުން ތަރުޖަމާގައި އެހީވާން އެދޭ ނަމަ އަންގާލަދެއްވާށެވެ.

ﷲ ވަހީ ކުރެއްވިއެވެ: ’އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަހީއެއް ކަމުގައި މެނުވީ ނުވެއެވެ.‘ [النجم 4]

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިމަން ނަބިއްޔާގެ ބަސްފުޅު އަޑުއަހައި، އެ ރަނގަޅަށް ވިސްނި، ދެން އެ ބަސްފުޅު އަޑުއެހި ގޮތަށް (އެހެން މީހަކަށް) ފޯރުކޮށްދީފި މީހާގެ މޫނު ﷲ އުޖާލާ ކުރައްވާށިއެވެ.“ [حلية الأولياء 105]

އިމާމު އަޙްމަދު [241 ހ.] ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެއް ރައްދުކޮށްފި މީހާ ވަނީ ހަލާކުގެ ތުންފަތްމަތީގައެވެ. [الإبانة الكبرى 1/260]

ﷲ ވަހީ ކުރެއްވިއެވެ: ’ހަމަކަށަވަރުން ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ އިރާދަކުރެއްވި މީހަކަށް އެ އިލާހު ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން އެ އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.‘ [القصص 56]

ރަސޫލު ﷲ ޙަދީޘް ކުރެއްވިއެވެ: ”ފަހުން އަންނަ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެބައިމީހުންގެ އަދުލުވެރިން މި އިލްމު އުފުލާނެއެވެ. ޖާހިލުންގެ ބަދަލު ކުރުންތަކާއި، ބާތިލު ކުރާ މީހުންގެ ދައުވާތަކާއި، ފަހަނައަޅައިދާ މީހުންގެ އޮޅުވާލުންތައް އެބައިމީހުން އެ އިލްމުން ނަފީ ކުރާނެއެވެ.“ [تاريخ دمشق 7/39]

ފުޟައިލު ބިން ޢިޔާޟު [187 ހ.] ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ހިދާޔަތުގެ މަގުތަކަށް ތަބާވާށެވެ. އަދި (އެ މަގުތަކުގައި) ހިނގައި އުޅޭ މީހުންގެ މަދުކަމުން ތިބާއަކަށް ގެއްލުމެއް ނުކުރާނެއެވެ. އަދި މަގުފުރެދުމުގެ މަގުތަކުން ސަމާލުވެ ރައްކާތެރިވާށެވެ. އަދި (އެ މަގުތަކުގައި ގެއްލި) ހަލާކުވެދާ މީހުންގެ ގިނަކަމުން ތިބާ ހެއްލުންތެރި ނުވާށެވެ. [الاعتصام للشاطبي 1/112]

ﷲ ވަހީ ކުރެއްވިއެވެ: ’ފަހެ ތިޔަބައިމީހުން އެ ކަންކަމަށް އީމާންވެގެން ތިބި ފަދައިން އެބައިމީހުން ވެސް އީމާންވާ ނަމަ، ފަހެ އެބައިމީހުންނަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ. އަދި އެބައިމީހުން އެނބުރި ފުރަގަސްދީފި ނަމަ، ފަހެ އެބައިމީހުން ދެކޮޅުވެރި ކަމެއްގެ ތެރޭގައި މެނުވީ ނުވެއެވެ. ފަހެ އެބައިމީހުންގެ ކިބައިން، ﷲ ކަލޭގެފާނު ފުއްދަވާ ދެއްވާނެއެވެ. އަދި އެ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.‘ [البقرة 137]

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”…އަދި ތިމަން ނަބިއްޔާގެ އުއްމަތް، ހަތްދިހަ ތިން ބަޔަށް ބައިބައިވެގެން ދާނެއެވެ. އެ ހުރިހާ ބަޔެއް ވެސް ވަނީ ނަރަކައިގައެވެ. އެއް ބަޔަކު ފިޔަވައެވެ.” (މީސްތަކުން) ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލެެވެ. އެއީ ކޮން ބަޔެއްހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އެއީ ތިމަން ކަލޭގެފާނާ އަދި ތިމަން ކަލޭގެފާނުގެ ސަހާބީން މި ތިއްބެވި ގޮތެއްގެ މަތީގައި ތިބި ބަޔެކެވެ.“ [جامع الترمذي 2641]

އިމާމު ބަރްބަހާރީ [329 ހ.] ވިދާޅުވިއެވެ: ތިޔަބައިމީހުން ދަންނާށެވެ. އިސްލާމް ދީނަކީ ސުންނަތެވެ. އަދި ސުންނަތަކީ އިސްލާމް ދީނެވެ. އަދި އެ ދޭތިން ކުރެ އެއް ކަމެއް، އަނެއް ކަމަކާ ލައިގެން މެނުވީ ގާއިމު ނުވާހުއްޓެވެ. [شرح السنة للبربهاري 1]

ﷲ ވަހީ ކުރެއްވިއެވެ: ’ހަމަކަށަވަރުން އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެ އިލާހުގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް އިލްމަކާ ނުލާ، ނުވަތަ ތެދުމަގަކާ ނުލާ، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލާ، ﷲ އާމެދު ޖަދަލުކުރާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ.‘ [لقمان 164]

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ގާތަށް އިލްމު ހޯދާ ބަޔަކު އަންނާނެއެވެ. ފަހެ ތިޔަބައިމީހުންނަށް އެބައިމީހުން ފެނިއްޖެ ނަމަ، ފަހެ އެބައިމީހުންނަށް ބުނާށެވެ: މަރުހަބާއެވެ. ރަސޫލު ﷲ ﷺ ގެ ވަސިއްޔަތައިގެން މަރުހަބާއެވެ. އަދި އެބައިމީހުންނަށް އުނގަންނައިދޭށެވެ.“ [سنن ابن ماجه 247]

ޢަބްދު ﷲ ބިން އަލްމުބާރު [181 ހ.] އަށް ދެންނެވުނެވެ: އޭ އަބޫ ޢަބްދުއްރަޙްމާނެވެ. ގޭގައި އެކަނި އިނުން ގިނަކުރަނީހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންނަ ވަނީ އެކަންޏެއް ނޫނެވެ. ތިމަންނަ ވަނީ ނަބިއްޔާ ﷺ އަދި އެކަލޭގެފާނުގެ ސަހާބީންގެ ތެރޭގައެވެ. އެބަހީ: ފޮތް ބަލާ (ކިޔާ ހެދުމުގައެވެ.) [الجامع لأخلاق الراوي وآداب السامع 1752]

ﷲ ވަހީ ކުރެއްވިއެވެ: ’އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ރުކޫ ކުރާށެވެ. އަދި ސަޖިދަ ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވެރި ރައްބަށް އަޅުކަން ކުރާށެވެ. އަދި ތިޔަބައިމީހުން ހެޔޮ ކަންތައް ކުރާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބުވޭތޯއެވެ.‘ [الحج 77]

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއަށް މަންފާ ކޮށްދެވެން ހުރި ނަމަ، ފަހެ އޭނާ އެކަން ކުރާށެވެ.“ [صحيح مسلم 2199]

އިމާމު މާލިކު [179 ހ.]، އިމާމު ޝާފިޢީއަށް ވަސިއްޔަތް ކުރެއްވި ކަމުގައި ވެއެވެ: ރަށްފުށުގައި ދިރިނޫޅޭށެވެ. އެ ހިނދު ތިބާގެ އިލްމު ގެއްލެނިވެގެން ހިނގައިދާނެއެވެ. އަދި ދިރުހަމް ހޯދަން މަސައްކަތް ކުރާށެވެ. އަދި މީސްތަކުންގެ މައްޗަށް ބޭނުން ޖެހިފައިވާ މީހަކަށް ނުވާށެވެ. އަދި ޖާހު ހުރި މީހަކު އެހީތެރިއެއްގެ ގޮތުގައި ނަގާށެވެ. އެއީ އާންމު މީސްތަކުން ތިބާ ކުޑައިމީސް ނުކުރުމަށްޓަކައެވެ. އަދި ވެރިއެއްގެ ގާތުގައި ތިބާ ދަންނަ މީހަކުވާ ހާލު މެނުވީ، އޭނާގެ ގާތަށް ތިބާ ނުވަންނާށެވެ. އަދި ބޮޑު މީހަކާއެކު ތިބާ އިށީންނަ ނަމަ، އޭނާއާ ތިބާއާ މެދުގައި ހުސް ޖާގައެއް ބަހައްޓާށެވެ. އެއީ ތިބާއަށް ވުރެ ގާތް މީހަކު އޭނާ ގާތަށް އައުމުން، އޭނާ އެ މީހާ ގާތްކޮށް، ތިބާ ދުރުކޮށްގެން، ދެން ތިބާގެ ހިތުގައި އެއްޗެއް ހީވިޔަ ނުދިނުމަށް ޓަކައެވެ. [شرح الخرشي 1/35]

ﷲ ވަހީ ކުރެއްވިއެވެ: ’…ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި އިލްމު ދެވިގެންވާ މީހުން، ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.‘ [المجادلة 11]

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ﷲ މީހަކަށް ހެޔޮ ގޮތް އިރާދަ ކުރައްވައިފި ނަމަ، އެ އިލާހު އެ މީހަކަށް ދީން ފަހުމް ކޮށްދެއްވައެވެ.“ [صحيح البخاري 71]

އިމާމު ޝާފިޢީ [204 ހ.] (ޅެންބައިތެއްގައި) ވިދާޅުވިކަމަށް އައިސްފައިވެއެވެ: (އަހަރެންގެ ޝައިޚު) ވަކީޢު ގާތު، އަހަރެންގެ ހިތުދަސް ކުރުމުގެ ބާރު ދެރަކަމުގެ ޝަކުވާ ދެންނެވީމެވެ. ފަހެ ފާފަތައް ދޫކުރުމަށް އެކަލޭގެފާނު އަހަރެންނަށް އިރުޝާދު ދެއްވިއެވެ. އަދި ވިދާޅުވިއެވެ: ހަމަކަށަވަރުން އިލްމަކީ ފަޟްލެއްކަން ދަންނާށެވެ. އަދި ﷲ ގެ ފަޟްލު، (ނުކިޔަމަންތެރި) ފާފަވެރިއަކަށް ދެއްވިގެން ނުވެއެވެ. [الداء والدواء 52]

ނޯޓު: މިއީ އެންމެ ގިނަ ދިވެހި ލަފްޒުތަކާއި މާނަތައް އެއް މަންސައަކުން ލިބެން ހުރި ތަނެވެ. އަދި ދިވެހި ބަހުގެ އިތުރުން، އަރަބިންނާއި އިނގިރޭސިން ވެސް ލިބޭނެއެވެ.

ﷲ ވަހީ ކުރެއްވިއެވެ: ’އަދި އެފަދައިން އަރަބި ބަހުންވާ، ހުކުމް ކުރުވަނިވި (ފޮތެއް) ގޮތުގައި، ތިމަން އިލާހު އެ (ގުރްއާން) ބާވައިލެއްވީމެވެ. އަދި އިލްމުގެ ތެރެއިން ކަލޭގެފާނާ ހަމައަށް އައި ކަންތަކަށް ފަހު، ދެން އެބައިމީހުންގެ ހަވާނަފުސަށް ކަލޭގެފާނު ތަބާވެ ވަޑައިގެންފިނަމަ، ﷲ އާ ދެކޮޅަށް ނަސްރު ދޭނެ ފަރާތަކުވެސް އަދި ރައްކާތެރި ކުރާނެ ފަރާތަކުވެސް ކަލޭގެފާނަކަށް ނުވާނެއެވެ.‘ [الرعد 37]

ޒައިދު ބިން ޘާބިތު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ އަށްޓަކައި، ތިމަންނަ ޔަހޫދީން ލިޔާ ބަސްތައް އުނގެނުމަށް، އެކަލޭގެފާނު ތިމަންނައަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން (އެއްވެސް) ލިޔުމެއްގެ މައްޗަށް ޔަހޫދީންނަށް ތިމަން ނަބިއްޔާ އިތުބާރެއް ނުކުރައްވަމެވެ.“ (ޒައިދު) ވިދާޅުވިއެވެ: ފަހެ މަހެއްގެ ދެބައިކުޅަ އެއްބައި ތިމަންނައަށް ވޭތު ނުވަނީސް، އެކަލޭގެފާނަށްޓަކައި ތިމަންނަ އެ ބަސް ދަސްކޮށްފީމެވެ…“ [جامع الترمذي 2715]

ޢުމަރުގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ތިޔަބައިމީހުން ސުންނަތުގައި ފިގުހުވެރި ވާށެވެ. އަދި އަރަބި ބަހުގައި ވެސް ފިގުހުވެރި ވާށެވެ. އަދި ގުރްއާނުގައިވާ އަރަބި ބަސްތަކުގެ މާނަ ދެނެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އެ ގުރްއާން ވަނީ އަރަބި ބަހުންނެވެ… [مصنف ابن أبي شيبة 29914]

ﷲ ވަޙީކުރެއްވިއެވެ: ’އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ އެ ޒުވާނުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ! އިބަ އިލާހުގެ ހަޒްރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!‘ [الكهف 10]

ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲގެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔަލެއްނުވާ ދުވަހު ހަތްމީހަކަށް އެއިލާހުގެ ޢަރުޝިކޮޅުގެ ހިޔާދެއްވާ ހުއްޓެވެ. އެއީ ޢަދުލުވެރި ވެރިމީހާޔާއި، ﷲއަށް އަޅުކަން ކުރުމުގައި ދެމިހުންނަ ޒުވާނާއާއި، މިސްކިތާއި އެމީހެއްގެ ހިތްގުޅުވާފައިވާ މީހާއާއި، ﷲއަށްޓަކައި ލޯބިވެ އަދި ﷲއަށްޓަކައި ވަކިވާ ދެމީހުންނާއި އަދި ދަރަޖައާއި ރީތިކަންހުރި އަންހެނަކު އޭނާގެ ނަފުސު ހުއްދަނޫންގޮތުގައި ބޭނުންކުރުމަށް ދަޢުވަތު ދިނުމުން ﷲ ދެކި ބިރުވެތިވަމޭ ބުނަމުން އެކަމުން ދުރުވާ މީހާއާއި، ކަނާތުން ދޭ ޞަދަޤާތް ވާތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާޔާ އަދި އެކަނިހުރެ ﷲ ހަނދުމަކޮށް އެމީހެއްގެ ލޮލުން ކަރުނަ އޮހޮރުވާ މީހާއެވެ.“ [متفق عليه]

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ: ޒުވާނެއް ކަމުގައި މެނުވީ ﷲ ނަބިއްޔަކު ނުފޮނުއްވަތެވެ. އަދި ޒުވާނެއް ކަމުގައި މެނުވީ ޢިލްމުވެރިޔަކަށް ޢިލްމެއް އެ އިލާހު ނުދެއްވަތެވެ. އަދި އެބޭފުޅާ ކިޔަވާ ވިދާޅުވިއެވެ: ’އެބައިމީހުން ބުންޏެވެ. އިބްރާހީމް އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް އައިބު ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ.‘ ’މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ޒުވާނާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ!‘ ’ހަމަކަށަވަރުން އެޒުވާނުންނީ އެޒުވާނުންގެ ރައްބަށް އީމާންވި ބަޔެކެވެ.‘ [تفسير ابن أبي حاتم 2350/7]

ހަމަކަށަވަރުން ނަބިއްޔާ ﷺ، الۤمۤ تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާ ވިދާޅުވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ. [الترمذي 2892]

ނަބިއްޔާ ﷺ، ޒުމަރު (ސޫރަތް) އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާ ވިދާޅުވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ. [الترمذي 3405]

ހަމަކަށަވަރުން ނަބިއްޔާ ﷺ ކޮންމެ ރެއަކު އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެވަޑައިގަންނަވާ ހިނދު، އެކަލޭގެފާނުގެ ދެ އަތްޕުޅު އެއްކުރައްވައި، ދެން އެ ދެ އަތްޕުޅަށް ފުމެލެއްވައެވެ. އެއަށްފަހު އެ ދެ އަތްޕުޅަށް قُلْ هُوَ اللهُ أَحَدٌ، قُلْ أَعُوذُ بِرَبِّ الْفَلَقِ އަދި قُلْ أَعُوذُ بِرَبِّ النَّاسِ ކިޔަވައި ވިދާޅުވެއެވެ. އެއަށްފަހު އެ ދެ އަތްޕުޅުން އެކަލޭގެފާނަށް ވީވަރަކަށް އެކަލޭގެފާނުގެ ހަށިކޮޅުގައި ބީއްސަވައެވެ. (އެ ގޮތުން) އެ ދެ އަތްޕުޅުން (ބީއްސަވަން) ފައްޓަވަނީ، އެކަލޭގެފާނުގެ ބޮލާއި، މޫނުފުޅާއި، ހަށިކޮޅުގެ ކުރިމައްޗާ ވާ ބައެވެ. އެފަދައިން ތިން ފަހަރު އެކަލޭގެފާނު ހައްދަވައެވެ. [البخاري 5017]

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިބާ، قُلْ يَا أَيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކިޔަވާށެވެ. އެއަށްފަހު އެ ސޫރަތް (ކިޔަވާ) ނިމުމުން ނިދާށެވެ. އެހެނީ ހަމަކަށަވަރުން އެ ސޫރަތަކީ ޝިރްކުން ބަރީއަވުމެވެ.“ [أبو داود 5055]

ތިބާ ނިދަން އޮށޯންނަ ހިނދު، އާޔަތުލް ކުރްސި ކިޔަވާށެވެ. ﷲގެ ހަޒްރަތުން ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ (މަލާއިކަތަކު) މެދުނުކެނޑި ވާނެއެވެ. އަދި ތިބާއަށް ހެނދުނުވަންދެން ޝައިތާނު ތިބާއާ ކައިރި ނުވާނެއެވެ. [البخاري 3275]

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ބަގަރާ ސޫރަތުގެ ފަހު ދެ އާޔަތް، އެ ދެ އާޔަތް ރޭގަނޑެއްގައި ކިޔަވައިފި މީހަކަށް، އެ ދެ އާޔަތް ފުދޭނެއެވެ.“ [البخاري 4008]

ނަބިއްޔާ ﷺ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން، މުސައްބަޙާތު (އެބަހީ: އިސްރާ، ޙަދީދު، ޙަޝްރު، ޞައްފު، ޖުމްޢާ، ތަޣާބުން، އަޢުލާ، މި ސޫރަތްތައް) ކިޔަވާ ވިދާޅުވެއެވެ. އަދި ޙަދީޘް ކުރައްވައެވެ: ހަމަކަށަވަރުން އެ (ސޫރަތްތަކުގައި)، އެއް ހާސް އާޔަތަށް ވުރެ ހެޔޮކަން ބޮޑު އާޔަތެއް ވެއެވެ.“ [الترمذي 5057]